ޖިއޮގްރަފީގޮތުން އަތޮޅު އޮންނަގޮތް

ފާދިއްޕޮޅަކީ ރާއްޖޭގެ އުތުރުން 7 ވަނައަށް އޮންނަ އަތޮޅެވެ. މިއަތޮޅަށް ޅ. އަތޮޅުވެސް ކިޔައެވެ. މިއަތޮޅުގެ ނަން ނިސްބަތްވަނީ މިއަތޮޅުގައި އޮންނަ “ފާދޫ” އަށެވެ. މިއަތޮޅުގެ ވެރިކަންކުރާ ރަށަކީ “ނައިފަރު” އެވެ. މިއަތޮޅު އުފެދިފައިވަނީ އުތުރު އަރުޟުން 5° 35 N އާއި 5° 15 N އާއި، 73° 20 E އާއި 74° 40 E އާއި ދެމެދުގައެވެ. އިތޮޅުގެ އެންމެ ދިގުގޮތަށް ހުރީ 17.8 ނޯޓިކަލް މޭލެވެ. އެއީ އޮޅުވެލިފުށިން މަޑިވަރަށެވެ. ފުޅާމިނަކަށް ހުރީ 14.2 ނޯޓިކަލް މޭލެވެ. އެއީ ކަނިފުށިން ފެހިގިއްޔަށެވެ.

މިއަތޮޅަށް ދެވިފައިވާ އިނގިރޭސި އަކުރަކީ “G” އެވެ. އަތޮޅުގެ ރަށްތަކުގެ ޢަދަދަކީ 55 އެވެ. މީގެތެރެއިން މީހުން ދިރިއުޅެނީ 5 ރަށުގައެވެ. ލާމަރިކަޒީ އުޞޫލުން މީހުން ދިރިއުޅެން އަލަށް އާބާދުކުރާ މާފިލާފުށި ހިމެނެނީވެސް މިއަތޮޅުގައެވެ. އަދި ސިނާއީ މަސައްކަތްކުރާ ކާރުޚާނާ “ފެލިވަރު ޓޫނާ ޕްރޮސެސިންޕްލާންޓް” ހިނގަމުންދަނީ މިއަތޮޅު ފެލިވަރުގައެވެ. މީގެއިތުރުން ޓޫރިސްޓް ރިޒޯޓް ހިންގާ 4 ރަށް މިއަތޮޅުގައި އޮވެއެވެ.

މީހުންދިރިއުޅޭ ރަށްރަށާއި އެރަށްރަށަށް ދެވިފައިވާ ތަރުތީބު ނަންބަރާއި އިނގިރޭސި އަކުރު

ރަށްއިނގިރޭސި އަކުރު
ހިންނަވަރުG1
ނައިފަރުG2
ކުރެންދޫG3
އޮޅުވެލިފުށިG4

ފަޅުރަށްތަށް

1- އަލިގާ2- މަޑުއްވަރި3- ވަރިހުރައި
4- ޅޮއްސަލަފުށި5- ޅޮހި6- މާކޯ
7- މެދުފުށި8- މީދާހުރާ9- ދިއްދޫ
10- ބުޅަލަފުށި11- ރުއްއެޅިފުށި12- މާވާފުށި
13- ކަނިފުށި14- ވައްވަރު15- ވޭވަށް
16- މަޑިވަރު17- ފެލިވަރު18- ގާއެރިފަރު
19- ކޮމަންޑޫ20- ކުޑަދޫ21- ހުރުވަޅި
22- ކުރެއްދޫ23- ފެހިގިލި24- ކަޅުމަންޖެހުރާ
25- މަސްލެއްކިހުރާ26- މެދައަޑިހުރާ27- ކަނުހުރާގެއުތުރުހުރާ
28- ކަނުހުރާ29- ބޯމަންދިއްޕަރުހުރާ30- ގުރައިދޫ
31- ވިހަފަރު32- މޭއްޔަފުށި33- ފާދޫ
34- ހިރިޔާދޫ35- ސޭއްޅިފުށި36- މައިދޫ
37- ބޮޑުހުރާ38- ދިއްފުށި39- ހަޑޫލާފުށި
40- ހުދުފުށި41- އިންނަހުރާ42- ފައިނުއާދަނުހުރާ
43- ބޮޑުގާހުރާ44- މާބިންހުރާ45- ބޮޑުހުރާ
46- އޫކޮޅުފިނޮޅު47- ދެރުއްފިނޮޅު48- މެދައަޑިހުރާ
49- ތިލަމާފުށި50- ފުށިފަރު

އަތޮޅުގެ ރަށްތައް އުފެދިފައިވާ ގޮތަށް ބަލާއިރު އިރުމަތީ ދުނި ފެށެނީ އަލިގާ އިންނެވެ. ނިމެނީ ފެހިގިލި އަށެވެ. އަތޮޅުގެ ހުޅަނގު ދުނި ފެށެނީ ކަނިފުށިންނެވެ. ނިމެނީ ކުރެއްދޫ އަށެވެ.

އާބާދީ

2016 ޖުލައިގެ ނިޔަލަށް އަތޮޅުގެ އާބާދީ އަކީ 11130 އެވެ. އެއީ 5815 ފިރިހެނުންނާއި، 5315 އަންހެނުންނެވެ.

އިޤްތިޞާދު

މިއަތޮޅުގައި އާމްދަނީހޯދުމަށް ގިނަ ބަޔަކު ކުރާ މަސައްކަތަކީ މަސްވެރިކަމާއި، ވިޔަފާރިކުރުމާއި، ވަޒީފާ އަދާކުރުމެވެ.

އަތޮޅަކީ ދެމޫސުމަށްވެސް މަސްވެރިކަންކުރާ އަތޮޅެކެވެ. ނަމަވެސް ކުރެންދޫއާއި އޮޅުވެލިފުއްޓަށް ފަޅުގެ ދަތިކަން ހުރުމާއެކު މަސްވެރިކަން ކުރުމުގެ ދަތިތަކެއް ކުރިމަތިވެފައިވެއެވެ. މަސްވެރިކަން އެންމެ އެދެވޭގޮތެއްގައި ކުރާރަށަކީ ނައިފަރެވެ. އަތޮޅުގެ ރަށްރަށުގެ ތެރެއިން ތަފާތު ބާވަތްތަކުގެ ގަސްގަހާގެހި ހައްދާ ރަށެއްގެ ގޮތުގައި ކުރެންދޫ ފާހަގަކޮށްލެވެއެވެ.

ޞިއްޙީ ޚިދުމަތް

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީއާއެކު ދިވެހި ސަރުކާރުގެ ފަރާތުން ފުރަތަމަ ހުޅުއްވައިދެއްވި ޞިއްޙީމަރުކަޒު ހުޅުވުނީ މިއަތޮޅު ނައިފަރުގައެވެ. މިތަން ފުރަތަމަ ހުޅުވުނީ ހަމައެކަނި ބަލިމީހުންބަލާ ބޭސްއަޅާދޭ ތަނެއްގެ ގޮތުގައެވެ. އެއީ 12 މާރިޗް 1964 ގައެވެ.

މިމަރުކަޒުންދެވޭ ޙިދުމަތް އިތުރުކޮށް ފެންވަރު ރަނގަޅުކުރުމަށް މިއަދާއި ޖެހެންދެން ކުރެވުނު ތަފާތު މަސައްކަތްތަކުގެ ސަބަބުން މިހާރު އެމަރުކަޒުވަނީ ފެންވަރު ރަނގަޅު އެކަށިގެންވާ ޚިދުމަތްދޭ އަތޮޅުހޮސްޕިޓަލަކަށް ބަދަލުވެފައެވެ. ޞިއްޙީމަރުކަޒުގެ ނަން ޅ. އަތޮޅު ހޮސްޕިޓަލުގެ ނަމަށް ބަދަލުވީ 11 ޖޫން 2001 ގައެވެ. މިހޮސަޕިޓަލުން ޚިދުމަތް ލިބިގަތުމަށްޓަކައި ކ. ކާށިދޫ އަދި ނ. އަތޮޅުގެ ރަށްރަށުން ގިނަ ޢަދަދަކަށް މީހުންނަކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން މިއަތޮޅުގެއި ޞިއްހީ ޚިދުމަތްދޭ ތަންތަނުގެ ގޮތުގައި ހިންނަވަރު ޞިއްޙީމަރުކަޒު، ކުރެންދޫ ހެލްތްޕޯސްޓް، އޮޅުވެލިފުށި ހެލްތްޕޯސްޓް ހިމެނެއެވެ. އަލަށް އާބާދުވާ މާފިލާފުށްޓަކީވެސް ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ޞިއްޙީ މަރުކަޒެއް ޤާއިމްކުރެވިފައިވާ ރަށެކެވެ.

ތަޢުލީމީ ޚިދިމަތް

ފާދިއްޕޮޅަކީ ރައްޖޭގެ ވެތިކަންކުރާ ރަށް ފިޔަވައި ތަޢުލީމީގޮތުން ފާހަގަކޮށްލެވޭ އަތޮޅެކެވެ. މިގޮތުން ޚާއްޞަގޮތެއްގައި މިއަތޮޅު ނައިފަރު ފާހަގަކޮށްލެވެއެވެ.

ނައިފަރުގައި ތަޢުލީމުގެ ބިންގާ އަޅުއްވާދެއްވީ ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން އައްޝައިޚް ޢަބްދުﷲ ފަހުމީ ދީދީ (ޖަލާލުއްދީނު) އެވެ. އެއީ ހިޖުރައިން 1352ޙ. ގައެވެ. ނައިފަރުގެ ތަޢުލީމީ ބިނާކަމުގައިވާ މަދުރަސަތުލް އިފްތިތާޙަކީ ކުރީގައި މުޅި އުތުރުގައި ތަޢުލީމީގޮތުން އެންމެ ކުރިއަރައިގެންއައި، ޤައުމަށް ބޭނުންތެރި އެތައް ދަރިންނެއް އުފައްދާފައިވާ މަދުރަސާއެކެވެ. ފަޚުރުވެރި މާޒީއެއްއޮތް މި މަދްރަސާއަކީ ރައްޖޭގައި ހުރި ޢުމުރުން އެންމެ ގިނަދުވަސްވީ ދެވަނަ މަދްރަސާއެވެ.

27 ޞަފަރު 1352ޚ. ގައި ހުޅުވުނު މިމަދުރަސާ ހިނގަމުން އަންނަނީ އެދުވަސްވަރަކާގުޅޭ ތަފާތު ބަދަލުތަކާވެސް އެކުގައެވެ. 2005 ވަނަ އަހަރު މިމަދުރަސާގައި ޖީ.ސީ.އީ. އޭލެވެލްއަށް ކިޔަވައިދޭން ފަށާފައިވެއެވެ. މިމަދްރަސާގައި 497 އަންހެން ކުދިންނާއި 512 ފިރިހެން ކުދިން ތަޢުލީމް ޚާޞިލުކުރަމުން ގެންދެއެވެ. މީގެތެރޭގައި އަތޮޅުންބޭރު އެހެން ރަށްރަށުގެ ކުދިންވެސް ހިމެނެއެވެ.

ހިންނަވަރުގައި ހުންނަ ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބިންގާ އަޅާފައިވަނީ 04-06-1981 ގައެވެ. މިސްކޫލް ހުޅުއްވާދެއްވީ 10-03-1984 ގައި އޭރުގެ މިނިސްޓަރ އޮފް ހެލްތް އެންޑް ވެލްފެއަރ އޮނަރަބްލް އަލްފާޞިލް ޢަބްދުﷲ ޖަމީލެވެ. މިސްކޫލަކީ ކުދިންނަށް ތަޢުލީމް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ސްކޫލެކެވެ. މިސްކޫލުގައި 2004 ވަނަ އަހަރު ޖީ.ސީ.އީ. އޭލެވެލްއަށް ކިޔަވައި ދޭން ފަށާފައެވެ. މިސްކޫލްގައި 537 އަންހެން ކުދިންނާއި 579 ފިރިހެން ކުދިން ތަޢުލީމް ޙާޞިލުކުރަމުން ގެންދެއެވެ. މީގެތެރޭގައި އަތޮޅުންބޭރު އެހެން ރަށްރަށު ކުދިންވެސް ހިމެނެއެވެ.

ކުރެންދޫގައި ހުންނަ ޅ. އަތޮޅު މަދްރަސާގެ ބިންގާ އަޅުއްވާދެއްވީ 15-12-1983 ގައި އޭރު ފާދިއްޕޮޅު އަތޮޅުވެރިޔާގެ މަޤާމްގައި ހުންނެވި އަލްފާޟިލް ކުއްޅަވައް އިބްރާހީމްދީދީއެވެ. މި މަދްރަސާ ހުޅުއްވައި ދެއްވީ 09-03-1984 ގައި އޭރުގެ މިނިސްޓަރ އޮފް ހެލްތް އެންޑް ވެލްފެއަރ އޮނަރަބްލް އަލްފާޟިލް ޢަބްދުﷲ  ޖަމީލެވެ. މިމަދްރަސާއަކީ 2002 ވަނަ އަހަރުން ފެށިގެން ގްރޭޑް 10 އާއި ހަމައަށް ކިޔަވާދެމުން ގެންދާ ސްކޫލެކެވެ. މި ސްކޫލުގައި 233 އަންހެން ކުދިންނާއި 234 ފިރިހެން ކުދިން ތަޢިލީމް ޙާޞިލްކުރަމުން ގެންދެއެވެ. މީގެތެރޭގައި އަތޮޅުންބޭރު އެހެން ރަށްރަށުގެ ކުދިންވެސް ހިމެނެއެވެ.

އޮޅުވެލިފުށީ ސްކޫލަކީ ގްރޭޑް 7 ގެ ފެންވަރަށް ކިޔަވައިދޭ ސްކޫލެކެވެ. މި ސްކޫލް 2005 ޖުލައިގެ ނިޔަލަށް ހިންގައިފައިވަނީ އޮޅުވެލިފުށީ ރައްޔިތުންގެ ސްކޫލެއްގެ ގޮތުގައެވެ. ސަރުކާރުން ހިންގާ ސްކޫލަކަށް ސްކޫލަކަށް މި ސްކޫލް 2005 އޯގަސްޓް 1 ން ފެށިގެން ވަނީ ބަދަލުކުރެވިފައެވެ. މި ސްކޫލްގައި 54 އަންހެން ކުދިންނާއި 44 ފިރިހެން ކުދިން ތަޢުލީމް ޙާޞިލުކުރަމުން ގެންދެއެވެ.

     މިއަތޮޅު މާފިލާފުށީ ސްކޫލަކީވެސް ގްރޭޑް 7 ގެ ފެންވަރަށް ކުދިންނަށް ކިޔަވައިދެމުން ގެންދަވާ ސްކޫލެކެވެ. މިސްކޫލްގައި 10 އަންހެން ކުދިންނާއި 17 ފިރިހެން ކުދިން ތަޢުލީމް ޙާޞިލުކުރަމުން ގެންދެއެވެ.

އަދި 4 ޕްރީސްކޫލް މިއަތޮޅުގައި ހުރެއެވެ. މި ސްކޫލްތަކުގައި އުމުރުން 3 އަހަރު ފުރި 6 އަހަރު ނުފުރޭ ކުދިންނަށް ކިޔަވައިދެމުން ގެންދެއެވެ.

  • ޅ. ނައިފަރު ރޯޝަނީ ޕްރީސްކޫލް އަންހެން 45 ފިރިހެން 57
  • ޅ. ނައިފަރު ނޫރާނީ ޕްރީސްކޫލް އަންހެން 63 ފިރިހެން 60

މި ދެސްކޫލަކީ ނައިފަރު ރައްޔިތުން ހިންގާ ދެ ސްކޫލެވެ.

  • ޅ. ހިންނަވަރު ފަންނު ޕްރީސްކޫލް އަންހެން 58 ފިރިހެން 51

މި ސްކޫލަކީ ހިންނަވަރު އަމިއްލަފަރާތަކުން ހިންގާ ސްކޫލެކެވެ.

  • ޅ. ކުރެންދޫ ޙަބަޝީ ޕްރީސްކޫލް އަންހެން 38 ފިރިހެން 52

މި ސްކޫލަކީ ކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހިންގާ ސްކޫލެކެވެ.

ގޯތި ގެދޮރު

މިއަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ގިނަ ގޯތިތައް ހުންނަނީ ޒަމާނާ އެކަށީގެންވާ ފެންވަރަށް ރާނާފައެވެ. މިއަތޮޅުގައި މިހާރު މީހުންދިރިއުޅޭ ރަށްރަށަކީ ވަރަށް ބޮޑަށް ބިމުގެ ދަތިކަން ފޯރާފައިވާ ރަށްރަށެވެ. މިކަން ޙައްލުކޮށްދެވުމުގެ ގޮތުން ނައިފަރާއި ހިންނަވަރުގެ ބިން ސަރުކާރުން ހިއްކަވާދެއްވަފައި ވެއެވެ.

ކުލަބް / ޖަމްޢިއްޔާ ޖަމާޢަތްތައް

މިއަތޮޅުގައި 13 ޖަމާޢަތް އުފެދިފައިވެއެވެ.

ޒުވާނުންގެ މެދުގައި އިޖްތިމާޢީރޫޙް އާކޮށް އާލާކުރުމާއި ކުޅުވަރު ކުރިއަރުވާ ރަށުގެ ތަރައްޤީއަށް ކުރެވޭ ތަފާތު މަސައްކަތްތަކުގައި މިޖަމާޢަތްތަކުން ޙަރަކާތްތެރިވެއެވެ.

އެހެނިހެން

26 ޑިސެމްބަރ 2004 ގައި ބޮޑުރާޅުއެރުމާއި ގުޅިގެން ރަށްރަށުގެ ފެން ވަނީ ލޮނުވެފައެވެ.

މިއަތޮޅުގެ ނައިފަރު، ހިންނަވަރު، ކުރެންދޫ، އޮޅުވެލިފުށި، މާފިލާފުށްޓަކީ 24 ގަޑިއިރު ކަރަންޓް ލިބެންހުންނަ ރަށްރަށެވެ. ކުރެންދޫއާއި، އޮޅުވެލިފުށްޓަށް ކަރަންޓްދެމުން ގެންދަނީ ރައްޔިތުންގެ ފަރާތުންނެވެ.

  • މޯބައިލްފޯނުގެ ޚިދުމަތްވެސް މިރަށަށް ލިބެއެވެ
  • މިއަތޮޅުގައި 15 މިސްކިތް ހުރެއެވެ.
  • މާލެދަތުރުކުރާ 5 ބޯޓާއި، މަސްވެރިކަންކުރާ 65 އުޅަނދު މިއަތޮޅުގައި އޮވެއެވެ.
  • މިއަތޮޅުގައި ޑޮކްޓަރީ ބޭސްވިއްކާ 9 ފާމަސީ ހުރެއެވެ. މިފާރމަސީ ތަކަކީ އެރަށްރަށުގެ މީހުން އަމިއްލައަށް ހިންގާ ފާރމަސީތަކެކެވެ.

ބޭންކްގެ ޚިދުމަތް

ބޭންކް އޮފް މާލްޑިވްސްގެ ފަރާތުން ނައިފަރުގައި ބޭންކްގެ ޚިދުމަތް ދެއްވަންފެއްޓެވީ 26 ޖޫން 1990 ގައެވެ. ފުރަތަމަ ބޭންކްގެ ޚިދުމަތްދެއްވީ (ބޭސްގެ) ކިޔާ ޢިމާރާތުގައި މިހާރު ބޭންކް އޮފް މޯލްޑިވްސްގެ އުތުރުން ހުރި ޢިމާރާތުގައެވެ.

ބޭންކް އޮފް މޯލްޑިވްސް ނައިފަރު ބްރާންޗްގެ ނަމުގައި ޢިމާރާތެއް އަޅައި އެޢިމާރާތް ހުޅުއްވާ ދެއްވީ 15 މާރިޗް 1995 ގައި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމެވެ.