)20 އޯގަސްޓް 2014 ދުވަހު ބޭއްވުނު ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 31/2014 ވަނަ ޖަލްސާއިން ފާސްކޮށްފައި)

ކޮމެޓީގެ މަސައްކަތުގެ ނާރެސް

އަންދާސީ ހިސާބުބަލާ ކޮމެޓީގެ ހުރިހާމަސައްކަތަކާ ނިންމުތަކެއް ބިނާކުރަން ޖެހޭނީ ދިވެހިރާއްޖޭގެ މާލިއްޔަތުގެ ޤާނޫނާއި، އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކުގެ މައްޗަށެވެ.

ކޮމެޓީ އެކުލެވިގެންވާގޮތް

ކޮމެޓީ އެކުލެވިގެންވަނީ 7 މެންބަރުންގެ މައްޗަށެވެ.

  1. ފާދިއްޕޮޅު އަތޮޅު ކައުންސިލުން އައްޔަންކުރާ 02 މެންބަރުން
  2. ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ޒިންމާދާރުވެރިޔާ
  3. ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރީ 4 މުވައްޒަފުން ( ކައުންސިލްގެ ޔުނިޓްތަކުން އެވަގުތަކު ޔުނިޓްހިންގުމާ ޙަވާލުވެހުންނެވި އިސްމުވައްޒަފަކެވެ.)

ކޮމެޓީގެ މެންބަރުން ބަދަލުކުރުން

އެކިއެކި ސަބަބުތަކާއިހެދި ކޮމެޓީގައި އަށް އެކިފަރާތްތަކުން އައްޔަންކުރާ މެންބަރުން ބަދަލުކުރުމުގެ އިޚްތިޔާރު ކޮމެޓީއަށް މެންބަރުން އައްޔަންކުރާ ފަރާތްތަކަށް ލިބިގެން ވެއެވެ. މިގޮތުން މެންބަރުން ބަދަލުކުރާނަމަ އެކަން ލިޔުމަކުން ކޮމެޓީއަށް އެންގުމުން މެންބަރުން ބަދަލުވާނެއެވެ.

ކޮމެޓީން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް

  1. ކައުންސިލުން ބިޑުކުރެވޭ މަސައްކަތްތަކާ ގުޅިގެން، ކައުންސިލްގެ އިދާރާއިން ތައްޔާރުކުރާ ޕްރީބިޑް މަޢުލޫމާތުތައް ދިރާސާކުރުން
  2. އިޢުލާނު ކުރެވޭ ބިޑުތަކާއި ގުޅިގެން ހުށަހެޅޭ އަންދާސީ ހިސާބުތައް ދިރާސާކޮށް، މަސައްކަތުގެ ޕްރީބިޑް މަޢުލޫމާތުގައި ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން ޕޮއިންޓްދިނުން
  3. ކޮމެޓީގެ ނިންމުމާއެއްގޮތަށް މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާ، ކޮމެޓީގެ ރިޕޯޓް ތައްޔާރުކޮށް ކޮމެޓީގެ ޖަލްސާގައި ބައިވެރިވި މެންބަރުން ސޮއިކޮށް (މަސައްކަތް ޙަވާލުކުރުމަށް ކަނޑައެޅި ފަރާތާއި، އެފަރާތައް މަސައްކަތް ޙަވާލުކުރުމަށް ކަނޑައެޅި ސަބަބު އެގޭގޮތަށް) ކައުންސިލްގެ އިދާރާއަށް ފޮނުވުން
  4. އެހެން އިދާރާތަކުން އިޢުލާންކޮށް އިވެލުއޭޓް ކުރުމަށް ފޮނުވާ ޕްރޮޕޯސަލްތައް މިމާއްދާގެ 2 އަދި 3 ނަންބަރުގައިވާ ގޮތުގެމަތިން އިވެލުއޭޓްކުރުން
  5. ކޮމެޓީގެ ޖަސްލާތަކުގެ ނިންމުންތައް ޢާންމުކޮށް ޢިއުލާންކުރުން

ކޮމެޓީގެ ޖަލްސާ ޢަޤުދުވުން

އަންދާސީ ހިސާބުބަލާ ކޮމެޓީގެ ޖަލްސާ ޢަޤުދުވާނީ މަދުވެގެން 4 މެންބަރުން ޙާޒިރުވެގެންނެވެ.

ކޮމެޓީ ޗެއަރޕާސަން ކަނޑައެޅުމާއި ވައިސްޗެއަރޕާސަން ކަނޑައެޅުން

ކޮމެޓީ އެކުލަވާލުމަށްފަހު އެންމެ ފުރަތަމަ ބޭއްވޭ ބައްދަލުވުމުގައި ކޮމެޓީގެ ޗެއަރޕަރސަންއާއި ވައިސްޗެއަރޕާސަން ކަނޑައަޅަން ވާނެއެވެ.

  1. ކޮމެޓީގެ ޗެއަރޕާސަން ކަނޑައަޅަން ބާއްވާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ ކައުންސިލްގެ ރައީސްއެވެ.
  2. ކޮމެޓީގެ ޗެއަރޕާސަން އާއި ވައިސް ޗެއަރޕާރސަން އިންތިޚާބުކުރުމަށް ބާއްވާ ޖަލްސާގައި ކޮމެޓީގެ މެންބަރުން ވޯޓްލާނީ އަތްނަގައިގެންނެވެ.
  3. ކޮމިޓީގެ ޗެއަރޕަރސަން ހޮވުމަށްފަހު ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާނީ ޗެއަރޕާރސަންއެވެ.

ކޮމެޓީ ޗެއަރޕާސަންގެ މަސްއޫލިއްޔަތުތައް

  1. އިންފްރާސްރަކްޓަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމެންޓް ޔުނިޓްއާއި ގުޅިގެން ކޮމެޓީގެ ޖަލްސާތައް ޝެޑިއުލްކޮށް މެންބަރުންނަށް ދެންނެވުން
  2. ކޮމެޓީގެ މަސައްކަތްތައް ރާވާ އިންތިޒާމްކޮށް ކޮމެޓީގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން
  3. ކޮމެޓީގެ މަސައްކަތްތައް ކަނޑައެޅިފައިވާ އުޞޫލުތަކާއިއެއްގޮތަށް ހިނގާތޯ ކަށަވަރުކުރުން
  4. ކޮމެޓީގެ ނިންމުންތައް ކައުންސިލްގެ އިދާރާ މެދުވެރިކޮށް އިޢުލާންކުރުވުން
  5. މިނޫންވެސް ކޮމެޓީން ފާސްކޮށް ހަވާލުކުރާ ކޮމެޓީއާއި ގުޅޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން

ކޮމެޓީ ވައިސްޗެއަރޕާސަންގެ މަސްއޫލިއްޔަތުތައް

  1. ކޮމެޓީގެ ޗެއަރޕާސަން ހަވާލުކުރާ ކޮމެޓީއާއިގުޅޭ މަސައްކަތްތައް ކުރުން
  2. އެއްވެސް ސަބަބަކާއިހުރެ ކޮމެޓީގެ ޗެއަރޕާސަންއަށް މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވެއްޖެނަމަ އެފަދަ ހާލަތްތަކުގައި ކޮމެޓީގެ ޗެއަރޕާސަންގެ މަސްއޫލިއްޔަތު އަދާކުރުން

ކޮމެޓީގެ ކޮމެޓީގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުން

އަންދާސީ ހިސާބުބަލަހައްޓާ ކޮމެޓީގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުމަކީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިންފްރާސްރަކްޓަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމެންޓް ޔުނިޓްގެ މަސްއޫލިއްޔަތެކެވެ.

ކޮމިޓީގެ ޔައުމިއްޔާގައި ތިރީގައި މިދަންނަވާ ބައިތައް ހިމަނަންވާނެއެވެ.

  • ޖަލްސާ ނަންބަރު
  • ޖަލްސާ ބޭއްވި ބޭނުން
  • ޖަލްސާ ބޭއްވިތާރީޚާއި ތަން
  • ޖަލްސާގައި ބައިވެރިވި މެންބަރުންގެ ޢަދަދާއި ނަންތައް
  • ޖަލްސާގައި މަޝްވަރާ ކުރެވުނު ކަންތައްތައް
  • ޖަލްސާގައި ނިންމި ނިންމުންތައް

*********