ތަޢާރަފް:

ދިގުމިނުގައި 1268 މީޓަރު ފުޅާމިނުގައި 297 މީޓަރު ހުންނަ މިރަށުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 25 ހެކްޓަރެވެ. މީހުން ދިރިއުޅޭ 107 ގޯތި ހުންނައިރު ރަށުގެ އާބާދީއަކީ 20 އޮގަސްޓް 2016 ގެ ނިޔަލަށް 366 އަންހެނުންނާއި 353 ފިރިހެނުންނާއި ޖުމްލަ 719 މީހުންނެވެ. ރަށަކީ ފަސްމަޑު ހިޔާބޮޑު ގަސްތައް ގިނަ ރަށެކެވެ. ރަށަށްއަރާ ފޭބުމަށް 200×300 ފޫޓުގެ ބަނދަރެއް ހަދާފައި ވެއެވެ.

ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތައް:

މަސްވެރިކަމާއި ދަނޑުވެރިކަން އަދި ރިޒޯޓްތަކުގައި ވަޒީފާއަދާކުރުން.

ޢުމްރާނީ ތަރައްޤީ:

ރަށަކީ ޢުމްރާނީގޮތުން އެކަށީގެންވާ ފެންވަރަކަށް ތަރައްޤީވެފައިވާ ރަށެކެވެ.

ވިޔަފާރިއާއި، އިޤްތިޞާދު:

ރަށުގެ އާބާދީ މަދުވުމުން ވިޔަފާރީގެ  ގޮތުން މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އިޤްތިޞާދީގޮތުން ރަށަށް ކުރިއެރުން ލިބެމުން ދެއެވެ

ތަޢުލީމް:

އޮޅުވެލިފުށީ ސްކޫލުގައި 135 ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުން ގެންދާއިރު17 ދިވެހި ޓީޗަރުންނާއި 8 ބިދޭސީ ޓީޗަރުން ތިބެއެވެ. ކިޔަވައިދިނުމަށް 5 ކްލާސްރޫމާއި އޮފީސްބަޔަކާއި ސްޓާފް ރޫމެއް ހުރެއެވެ. އޮޅުވެލިފުށީ ސްކޫލުން ގްރޭޑް 10 އަކާ ހަމައަށް ތަޢުލީމު ޙާޞިލުކުރެއެވެ.

ޞިއްޙަތު:

އޮޅުވެލިފުށީ  ޞީއްޙީމަރުކަޒުގައި  ޢާއްމުބަލިތަކަށް ފަރުވާދިނުމަށް 1  ޑޮކްޓަރާއި 2 ނަރުހުން ތިބެއެވެ. މީގެއިތުރުން ކޮމިޔުނިޓީ ހެލްތް އޮފިސަރަކާއި  ފެމިލީ ހެލްތް އޮފިސަރެއް ހުރެއެވެ.  ޞިއްޙީ މަރުކަޒުގައި  ލެބޯޓްރީއެއް ނުހުރެއެވެ. އަދި އެއްވެސް ޓެސްޓެއް ހެދޭކަށް ނުހުރެއެވެ.  ރަށުގައި  އާސަންދައިގެ ޚިދުމަތް ލިބޭ އެސް.ޓީ.އޯ ގެ ބޭސްފިހާރައެއް ހުރެއެވެ.

ކަރަންޓާއި، ފެނާއި ، ނަރުދަމާ:

24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ލިބެއެވެ. ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި 160 ކިލޯވޮޓުގެ ޖަނަރޭޓަރަކާއި، 100 ކިލޯ ވޮޓުގެ 2 ޖަނަރޭޓަރު ހުރެއެވެ. ނަމަވެސް ފެނާއި ނަރުދަމާގެ ޚިދުމަތް މިރަށުން ލިބޭކަށް ނުހުރެއެވެ.

ތިމާވެށި:

ތިމާވެށީގެގޮތުން  ރަށްގިރުމުގެ މައްސަލަ ވަރަށްބޮޑަށް ދިމާވެފައި ވެއެވެ.

ދަތުރުފަތުރުގެ ނިޒާމް:

އަތޮޅުގެ އެއްރަށުން އަނެއްރަށަށް ދަތުރުކުރާ ފެރީ ދަތުރު ހުކުރުދުވަސް ފިޔަވައި ޢާއްމުގޮތެއްގައި ކޮންމެ ދުވަހަކުވެސް އޮވެއެވެ.

މުވާޞަލާތާއި ޓެކްނޮލޮޖީ:

ދިރާގާއި އޫރީދޫގެ ޚިދުމަތް ލިބެއެވެ. ސަރުކާރުގެ މުއައްސަސާތަކަށް ދިރާގުގެ ފޯނުލައިން އަޅާފައިވެއެވެ. ރަށަށް ތްރީ.ޖީ އިންޓަރނެޓުގެ ޚިދުމަތް ލިބެއެވެ.

އާދަކާދައާއި ޘަޤާފަތް:

ޘަޤާފީގޮތުން ބޮޑުބެރު ޖެހުމާއި ކޯޑި ކުޅުން ފަދަ ކުޅިވަރުތައް ކުޅެއެވެ.

މުނިފޫހިފިލުވުމާއި ކުޅިވަރު:

މުނިފޫހި ފިލުވުމުގެ ގޮތުން ޢީދު ޢީދުގައި ސްޓޭޖްޝޯވ ބޭއްވުމާއި ތަފާތު ކުޅިވަރުތައް ކުޅެއެވެ. މިރަށުގައި ޢާއްމުކޮށް ކުޅޭ ކުޅިވަރުތަކުގެ ތެރޭގައި ފުޓްބޯޅަ، ވޮލީބޯޅަ،ބަށިބޯޅަ، ބެޑްމިންޓަން ފުޓްސަލް ހިމެނެއެވެ.