ލޯކަލް ކައުންސިލް ދުވަހުގެ މުނާސަބަތުގައި ފާދިއްޕޮޅު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޚާއްޞަ ޖަލްސާއެއް ބާއްވާފިއެވެ. މިޖަލްސާ ބާއްވާފައިވަނީ 01 މާރިޗު 2019 ވީ ހުކުރު ދުވަހުގެރޭ ޅ. ނައިފަރު މަދްރަސަތުލް އިފްތިތާޙްގައެވެ. އާންމުކޮށް ހުރިހާ ރައްޔިތުންނަށް ހުޅުވައިލައިގެން ބޭއްވި މިޖަލްސާގައި އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ބައިވެރިވެވަޑައިގެން ނެވިއެވެ. އަދި މިޖަލްސާގައި، ޅ އަތޮޅު ރަށުކައުންސިލްތަކާއި ނައިފަރުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި ޢާންމުން ބައިވެރިވެފައިވެއެވެ.

މިޖަލްސާގައި ފާދިއްޕޮޅު ކައުންސިލްތަކަށް ވޭތުވެދިޔަ އަހަރު އިޖްތިމާޢީ ޒިންމާގެ ދަށުން އެކިއެކި އެހީތެރިކަން ދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް ސީއެސްއާރު އެވޯޑް ދިނުންއޮތެވެ. މިގޮތުން ސީއެސްއާރު އެވޯޑް ހާސިލްކުރެއްވި 4 ފަރާތުގެ ތަޢާރަފް ހިމެނޭ ވީޑިއޯ ޕްރެޒެންޓޭޝަންއެއް ޖަލްސާގައިވަނީ ދައްކާފައެވެ. އަދި ފާދިއްޕޮޅު ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި މާކްސްދެވިގެން، އެންމެ ގިނަ މަރކްސް އިން ހޮވުނު، ކޮންމެ ކައުންސިލެއްގެ 2018 ވަނަ އަހަރުގެ ސްޓާފް އޮފް ދި އިޔަރ އިއުލާންކޮށް އެވޯޑް ދިނުން އޮތެވެ. މިގޮތުން ކޮންމެ ކައުންސިލެއްގެ ސްޓާފް އޮފް ދި އިޔަރ އިޢުލާންކުރުމުގެ ކުރިން ކޮންމެ ކައުންސިލަކުންވެސް 2018 ވަނަ އަހަރު ސްޓާފް އޮފް ދި އިޔަރ އަށް ނޮމިނޭޓްވި 05 މުވައްޒަފުންގެ ނޮމިނޭޝަން ވީޑިއޯއެއް ޖަލްސާގައި ދައްކާފައިވެއެވެ.

މީގެ އިތުރުން މިޖަލްސާގައި ވޭތުވެދިޔަ އަހަރު ފާދިއްޕޮޅުގެ ކައުންސިލްތަކުގެ ތެރެއިން އެންމެ ހިންގުތެރި ކައުންސިލް އިޢުލާންކޮށް އެވަރޑް ދިނުންކުރިއަށް ގެންދިޔައެވެ. އަދި ހިންގުންތެރި ކައުންސިލް ހޮވުމަށް ފާދިއްޕޮޅު އަތޮޅު ކައުންސިލުން އަމަލުކުރި އުޞޫލާއި މާކްސްދިން ކްރައިޓީރިއާތަކާއި ގުޅޭގޮތުން ޚާއްޞަ ޕްރެސެންޓޭޝަނެއް ހުށަހަޅާދެވުނެވެ. މިޕްރެޒެންޓޭޝަން ހުށަހަޅާ ދީފައިވަނީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނައިފަރު ދާއިރާގެ މެންބަރު މުޙައްމަދު ޙުސައިންއެވެ.

މިޖަލްސާގައި އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް އާއި ނައިފަރު ކައުންސިލްގެ ޑިރެކްޓަރ އަހުމަދު ޔާސިރުއާއި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ޑިރެކްޓަރ މުޙައްމަދު އަހުމަދުފުޅު ދުވަހާއި ގުޅުންހުރި ތަފާތު މައުލޫތަކަށްވަނީ ވާހަކަ ދައްކަވާފައެވެ.

ލޯކަލް ކައުންސިލް ދުވަހުގެ ނަމުގައި ކޮންމެ އަހަރެއްގެ ވެސް 26 ފެބްރުއަރީ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރެވިފައިވަނީ 2015 ވަނަ އަހަރު ފާދިއްޕޮޅު އޮޅުވެލިފުށީގައެވެ. އަދި 2016 ވަނަ އަހަރު މިދުވަސް ފާހަގަކުރެވިފައިވަނީ ޅ. ކުރެންދޫގައެވެ. އަދި 02 އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުންވެސް މިއަހަރު މިދުވަސް ފާހަގަކުރުމަށް ފާދިއްޕޮޅު އަތޮޅު ކައުންސިލުންވަނީ ތަފާތު ހަރަކާތްތަކެއް ކުރިއަން ގެންދަވާފައެވެ. މިގޮތުން ފާދިއްޕޮޅު ހުރިހާ ކައުންސިލްތައް ބައިވެރިވެގެން 01 މާރިޗު 2018 އިން 02 މާރިޗް 2019 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ‘ފާދިއްޕޮޅު ކައުންސިލްތަކުގެ މަހާސިންތާ 2019’ ފާހަގަކުރެވެއެވެ.