ފާދިއްޕޮޅު އަތޮޅު ކައުންސިލުން އިސްނަގައިގެން ފާދިއްޕޮޅުގެ ހުރިހާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ސްކޫލްތަށް ބައިވެރިވެގެން ކުރިއަށް ގެންދިޔަ ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފިއެވެ. މިމަހާސިންތާ ކުރިއަށް ގެންގޮސްފައިވަނީ 27-28 ސެޕްޓެމްބަރ 2022 އަށް ނައިފަރު މަދްރަސަތުލް އިފްތިތާޙްގެ ޖަލާލުއްދީން މާލަމުގައެވެ. މިމަހާސިންތާގައި ހުރިހާ ދާއިރާއަކުން ޖުމްލަ 56 ބޭފުޅުން ބައިވެރިވެލެއްވިއެވެ.

ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 އަކީ ޅ.އަތޮޅުގެ ތަރަށްޤީގެ މަސައްކަތްތައް އިތުރަށް ހަލުވިކުރުމާއި ރަށްރަށުގެ ރަށުކައުންސިލްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ދިމާވެފައިވާ ދަތިތަށް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް ހުރިހާ ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުން އެއްބަސްވާ ސިޔާސަތުތަކެއް ކަނޑައެޅުމަށް ކުރިއަށް ގެންދެވުނު މަހާސިންތާއެކެވެ. މީގެ އިތުރުން ޅ.އަތޮޅުގެ ރަށްރަށުގައި ކުނި މެނޭޖްކުރުމުގައި ހުރި މައްސަލަތަކާއި މެދު މަޝްވަރާކުރުމާއި އަދި ރ.ވަންދޫއަށް ކުނި އުފުލުމުގައި ގޮންޖެހުންތައް ދެނެގަނެ ހުރިހާ ކައުންސިލްތަކާއި ކަމާއިގުޅޭ މުޢައްސަސާތަކަށް އެއްބަސްވެވޭ ގޮތްތަކެއް ހޯދުމަކީވެސް މިމަހާސިންތާގެ މަޤްޞަދެކެވެ. ހަމައެއާއެކު ޅ އަތޮޅުގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ސްކޫލްތަކާއި ގުޅިގެން ކައުންސިލްތަކަށް ހިންގިދާނެ ހަރާކާތްތައް ދެނެގަނެ އެކަންކަމާއިމެދު ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ހިންގިދާނެ ހަރާކާތަކެއް ކަނޑައެޅުމަކީ މިމަހާސިންތާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިމަހާސިންތާގައި ފާދިއްޕޮޅުގެ ހުރިހާ ރަށުކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، ޅ އަތޮޅު ހުރިހާ ރަށެއްގެ ސްކޫލްތަކުގެ ވެރިން ބައިވެރިވެފައިވެއެވެ. އަދި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ޚާއްޞަ ދަޢުވަތަކަށް ވެމްކޯގެ ފަރާތުން ވެމްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ އިކްރާމް އާއި ވަންދޫގެ އޮޕަރޭޝަންސް މެނޭޖަރ މުޙައްމަދު ޝާންވެސް މިމަހާސިންތާގައި ބައިވެރިވެ ލެއްވިއެވެ. މީގެ އިތުރުން ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ދަޢުވަތަކަށް މަހާސިންތާގެ އިންފޮމޭޝަން ސެޝަންގައި ޅ އަތޮޅު ޕޮލިސް ސްޓޭޝަންގެ ފަރާތުންނާއި ޅ އަތޮޅު ހޮސްޕިޓަލްގެ ފަރާތުން ބައިވެރިވެ މަޢުލޫމާތު ޙިއްޞާކޮށްފައިއެވެ.

މަހާސިންތާގެ ފުރަތަމަ ސެޝަންގައި 27 ސެޕްޓެމްބަރ 2022 ދުވަހު 2022 ކުރިއަށް ގެންގޮސްފައިވަނީ ކުނިމެނޭޖްކުރުމުގެ މަޝްވަރާތަކެވެ. އެދުވަހުގެ 14:00 އިން ފެށިގެން 17:30 ކުރިއަށް ގެންދިޔަ މިސެޝަންގައި 4 ރަށު ކައުންސިލްގެ ފަރާތުން ރަށްރަށުގެ ކުނީގެ ހާލަތާއި ގުޅޭގޮތުން ޕްރެސެންޓޭޝަން ހުށަހެޅިއެވެ. އަދި ވެމްކޯގެ ފަރާތުންވެސް ކުނިމެނޭޖްކުރުމުގައި ވެމްކޯގެ ދައުރާއި އަދި ރ.ވަންދޫގެ އޮޕަރޭޝަންސް ތަކާއި ގުޅޭގޮތުން މަޢުލޫމާތުދީ ޕްރެސެންޓޭޝަން ހުށަހެޅިއެވެ. އަދި މީގެއިތުރުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަންސަރުވެސް މިސެޝަންގައި އޮންލައިކޮށް ބައިވެރިވެ  ކުނިމެނޭޖް ކުރުމާއި ގުޅޭގޮތުން މިނިސްޓްރީގެ ސިޔާސަތުތައް މަހާސިންތާގެ ބައިވެރިންނަށް އޮޅުންފިލުވައިދެއްވިއެވެ.

މަހާސިންތާގެ ދެވަނަ ސެޝަންގައި 27 ސެޕްޓެމްބަރ 2022 ދުވަހުގެރޭ 21:00 އިން 23:00 އަށް ކުރިއަށް ގެންގޮސްފައިވަނީ މަޢުލޫމާތު ޙިއްޞާކުރުމުގެ ސެޝަންއެކެވެ. މިސެޝަންގައި ފުރަތަމަ މަޢުލޫމާތު ދެއްވާފައިވަނީ ޅ އަތޮޅު ޕޮލިސް ސްޓޭޝަންގެ ފަރާތުންނެވެ. މިސެޝަންގައި ޅ އަތޮޅު ޕޮލިސް ސްޓޭޝަނުން ޅ އަތޮޅުގައި ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި އެފަރާތަށް ހުރި ގޮންޖެހުންތަކުގެ މަޢުލޫމާތު ޙިއްޞާ ކުރެއްވިއެވެ. މިސެޝަންގައި ދެވަނައަށް މަޢުލޫމާތު ދެއްވާފައިވަނީ ޅ އަތޮޅު ހޮސްޕިޓަލްގެ ފަރާތުންނެވެ. ހޮސްޕިޓަލްގެ ފަރާތުން ހުށަހެޅި ޕްރެޒެންޓޭޝަންގައި ޅ އަތޮޅުގެ ޞިއްޙީ ހާލަތާއި ހޮސްޕިޓަލުން ދޭ ޚިދުމަތްތަކާއި ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޢުލޫމާތުދީ މަޝްވަރާކުރެވުނެވެ.

މަހާސިންތާގެ 2 ވަނަ ދުވަހު  28 ސެޕްޓެމްބަރ 2022 ދުވަހުގެ 8:30 އިންފެށިގެން 17:00 އާއި ހަމައަށް  ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލްތަކުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުންނާއި އަދި ސްކޫލްތަކުން ހުށަހަޅާ ޕްރެޒެންޓޭޝަންތައް ހުށަހަޅާ އެކަންކަމާއިމެދު މަޝްވަރާކޮށް ހުރިހާ ފަރާތްތަކަށް އެއްބަސްވެވެވޭ ގޮތްތަކެއް ހޯދުމަށެވެ. މިދުވަހުގެ ސެޝަންގައި 13 ޕްރެޒެންޓޭޝަނެއް ހުށަހެޅި ބައިވެރިންގެ މެދުގައި މަޝްވަރާ ކުރެވިފައިވެއެވެ.

މަހާސިންތާ ނިމިގެންދިޔައީ ހުރިހާ ދާއިރާއަކުން ވެސް ކުރިއަށް ގެންދާނެ ޙަރަކާތްތަކެއް އެއްބަސްވެވިގެންނެވެ. މަހާސިންތާއިން ނިންމުނު ކަންކަން:

 

ރަށު ކައުންސިލްތަކުން ހުށަހަޅާ އެއްބަސްވެވުނު ކަންކަން:

  • މުވައްޒަފުން އެކްސްޗޭންޖް ކުރުމުގެ ޕްރޮގްރާމެއް ކައުންސިލްތަކުގެ މެދުގައި ހިންގުން
  • އަތޮޅު ކައުންސިލާއި ރަށުކައުންސިލްތަކާއެކު މެނޭޖްމަންޓްގެ މުވައްޒަފުންވެސް ބައިވެރިކޮށްގެން ބައްދަލުވުންތަކެއް ބޭއްވުން
  • އައި.ޑީ ކާޑު ގެ ޚިދުމަތް ދިނުމުގައި އަތޮޅު ކައުންސިލްގެ ދައުރެއް އޮތުން
  • ޕާޓްނަރސް ފޯރަމެއް ރިސޯޓްތަކާއި އަތޮޅުގައި ޙަރަކާތްތެރިވާ އެކިއެކި އެންޖީއޯ ތަކާއި ކުންފުނިތަކާއިއެކު އަހަރަކު އެއްފަހަރު ބޭއްވުން
  • ފާދިއްޕޮޅު ސްކޯލަރޝިޕް ތަޢާރަފްކުރުން

 

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ހުށަހަޅާ އެއްބަސްވެވުނު ކަންކަން

  • ކޮމިޓީގެ ހުރިހާ ބޭފުންނަށް އެކި ދާއިރާތަކުން ބޭނުންވާ ތަމްރީން އަތޮޅު ކައުންސިލް މެދުވެރިކޮށް ފޯރުކޮށްދިނުން
  • ރަށްރަށުގައި އަންހެންވެރިން އުފައްދާ ތަކެތި މާކެޓް ކުރެވޭ މަގުތަކެއް އަތޮޅު ކައުންސިލުން ފަހިކޮށްދިނުން
  • ނޭޝަނަލް ލެވެލްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އެކިއެކި އެން.ޖީ.އޯ ތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ގުޅުވައިދިނުން

 

ސްކޫލްތަކުން ހުށަހަޅާ އެއްބަސްވެވުނު ކަންކަން

  • ސްކޫލްތަކަށް އަމާޒުކޮށްގެން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރެއިނިންގތައް އަތޮޅު ކައުންސިލުން ހިންގައިދިނުން
  • ސްކޫލްތަކަށް އަތޮޅު ފެންވަރުގައި ވާދަކޮށްލެވޭ އަދަބީ/ދީނީ މުބާރާތެއް ހިންގާދިނުން
  • ސްކޫލްތަކުގެ ދަރިވަރުންނަށް ކުޅިވަރު މުބާރާތްތައް ބާއްވާދިނުން (ދެޖިންސަށް)
  • އަތޮޅު ޤުރްއާން މުބާރާތް އަހަރަކު 1 ފަހަރު ބޭއްވުން
  • ޑައިގްނޯސްޓިކް ޓެސްޓެއް އަތޮޅު ސްކޫލްތަކުގެ ދަރިވަރުންނަށް
  • ވިނަވި ސްކީމް ގެ ކޮންސެޕްޓް ގްރޭޑް 11، 12 އަށް ވަންނަ ކުދިންނަށް ލިބޭގޮތަށް ރިވައިޒް ކޮށްދިނުން
  • ފާދިއްޕޮޅު އެވޯރޑް ތަޢާރަފްކުރުން

 

އަތޮޅުގެ ރަށްރަށުގައި ކުނިމެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް މަސައްކަތް ކުރުމަށް ރޭވުނުގޮތް

  • ކޮންމެ ދައިރާއަކުން މީހެއް ހިމަނައިގެން ކޮމިޓީއެއް އެކުލަވާލައި ކުނި މެނޭޖްކުރުމާގުޅޭ މަސައްކަތްތައް ތަރުތީބުކޮށް ކުރިއަށް ގެންދާނެގޮތުގެ ޕްލޭންއެއް އެކުލަވާލުން

މަހާސިންތާ ނިންމުގެ ރަސްމިއްޔާތު އޮތީ 28 ސެޕްޓެމްބަރ 2022 ވަނަ ދުވަހު 17:00 އިން 17:30 އަށެވެ. މިރަސްމިއްޔާތުގައި މަހާސިންތާގައި ބައިވެރިވި ހުރިހާ މުއައްސަސާއަކަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ފަރާތުން ހަނދާނީފިލާ ހަވާލުކުރެވުނެވެ. ހަނދާނީފިލާ ޙަވާލުކޮށްދެއްވީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޔާސީން ޢަބްދުﷲއެވެ.