ވާދަވެރިކުޅުމަކަށްފަހު ދެޓީމު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ހިންނަވަރު ބަލިކޮށް މިއަދު ކުޅެވުނު 21 އަހަރުން ދަށުގެ ޅ ޗެމްޕިއަންޝިޕް 2018 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުރެންދޫ އިން ހޯދާފިއެވެ.

މިއަދު ހަވީރު ކުރެންދޫ ޓާފްދަނޑުގައި ކުޅެވުނު މިމެޗް ފެށިގެން 8ވަނަ މިނިޓްގައި ހިންނަވަރު ޓީމުންވަނީ މެޗްގެ ފުރަތަމަ ގޯލްޖަހާ ލީޑްނަގާފައެވެ. ދެޓީމުންވެސް އެޓޭކިން ފުޓްބޯޅައެއް ކުޅެމުން ދިޔަ މިމެޗްގައި ކުރެންދޫ ޓީމުން އެއްވަރު ކުރި ލަނޑު ކާމިޔާބުކުރީ މެޗްގެ 31 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ކުރެންދޫ ޓީމުގެ ކުޅުންތެރިއަކަށް ހިންނަވަރު ޕެނަލްޓީ އޭރިއާތެރެއިން ކުރި ފައުލަކާގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ފުރަތަމަ ހާފް ނިމުނީ ދެޓީމް 1-1 އިން އެއްވަރު ވެގެންނެވެ. ދެވަނަ ހާފު ފަށައިގެންވެސް ދެޓީމުންވެސް ވާދަވެރި ކުޅުމެއް ކުޅެމުން ދިޔަ ނަމަވެސް މެޗްގައި އިތުރު ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ. 1-1 އިން އެއްވަރުވެގެން މެޗް ނިމުމުން މެޗްގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. މިގޮތުން ހިންނަވަރު ޓީމުން ޖެހި 4 ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވިފައިވަނީ 3 ޕެނަލްޓީއެވެ. ކުރެންދޫ ޓީމުންވަނީ އެޓީމުން ޖެހި 5 ޕެނަލްޓީވެސް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ.

ދެޓީމުގެ ގިނައަދަދެއްގެ ސަޕޯޓަރުންގެ ފޯރިއާއެކު ކުރިއަށްދިޔަ މިމެޗް ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުﷲ އުނައިސް އެވެ. ފައިނަލް މެޗް ނިމުމުން މުބާރާތުގެ ވަނަވައަށް އައި ޓީމް ތަކަށާއި، ކުޅުންތެރިންނަށް އަދި މުބާރާތް ޅ. ކުރެންދޫގައި ހިންގުމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް އެކަމުގެ އަގު ވަޒަންކޮށް ސެޓްފިކެޓާއި، ހަނދާނީފިލާ ދިނުން އޮތެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކުރެންދޫ އެފް.ސީ ގެ ގޯލްކީޕަރ ހުސައިން ވަފާޒް އިބްރާޙިމްއެވެ. ޅ. ޗެމްޕިއަންޝިޕް 21 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ ކުރެންދޫ އެފްސީ ޓީމުގެ ޖާޒީ ނަމްބަރު 1 ހުސައިން ވަފާޒު އިބްރާހިމްއެވެ. އެންމެ މޮޅު ޑިފެންސް ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހިންނަވަރު އެފްސީ ޓީމުގެ ޖަޒީ ނަމްބަރު 23 ހުސައިން ފައިސަލްއެވެ. އެންމެ މޮޅު މިޑްފިލްޑް ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކުރެންދޫ އެފްސީ ޓީމުގެ ޖާޒީ ނަމްބަރު 4 އައްޒާމް ޢަބްދުﷲ އެވެ. އެންމެ މޮޅު ފޯވަޑް އަދި މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނައިފަރު އެފްސީ ޓީމުގެ ޖާޒީ ނަމްބަރު 7 އިބްރާޙީމް އަތީގްއެވެ.

މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ހިންނަވަރު އެފްސީ އެވެ. މުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކުރެންދޫ އެފްސީގެ ޖާޒީ ނަމްބަރު 3 ޢަލީ ހަމްދާންއެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ ކުރެންދޫ އެފްސީ ގެ ޖާޒީ ނަމްބަރު 10 ހުސައިން ފާއިޒުއެވެ. މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކީ ކުރެންދޫ އެފްސީގެ ޖާޒީ ނަމްބަރު 4 އައްޒާމް އަބްދުﷲއެވެ.

ޅ އަތޮޅުގެ ހަތަރު ރަށުން 04 ޓީމް ވާދަކުރާ މިމުބާރަތަކީ ޅ އަތޮޅުގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަޤްޞަދުގައި ފާދިއްޕޮޅު އަތޮޅު ކައުންސިލުން އިންތިޒާމް ކުރާ މުބާރާތެކެވެ. ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018 ވަނަ އަހަރުގެ ބަޖެޓުން އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު ޚަރަދެއް ކޮށްގެން ބޭއްވި މިމުބާރާތަކީ މިސިލްސިލާގެ ފުރަތަމަ މުބާރާތެވެ. މީގެ ދެވަނަ މުބާރާތެއް 2019 ވަނަ އަހަރުގެ ތެރޭގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ މަޝްވަރާގެ މަތިން މިމުބާރާތް ރާވާ އިންތިޒާމްކޮށްފައިވަނީ އާޓްޒޯންގެ ފަރާތުންނެވެ.