ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ މުވައްޒަފުންނަށް އަމާޒުކޮށް ހިންގުމުގެ ހުނަރުތަކާއިބެހޭ ތަމްރީމް ޕްރޮގްރާމެއް ބާއްވާފިއެވެ. މިޕްރޮގްރާމް ބާއްވާފައިވަނީ ، 31 އޯގަސްޓް 2014 އިން ފެށިގެން 04 ސެޕްޓެމްބަރ 2014 ގެ ނިޔަލަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

މިޕްރޮގްރާމްގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި، ލާމަރުކަޒީ އުޞޫލުން ވެރިކަން ހިގުމާއި ގުޅޭގޮތުންނާއި، ޚިދުމަތް ދިނުމާއި މަސައްކަތުގެ އަޚުލާޤު އަދި މައްސަލަތައް ހައްލުކުރުމާއި، މަސައްކަތްރާވާ އިންތިޒާމްކުރުމާއި، އަމިއްލަ ނަފްސު ތަރައްޤީކޮށް، ދިރިއުޅުމާއި މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ކަންކަމަށް ކުރިއަށް ތައްޔާރު ވުމާއި ގުޅޭގޮތުން މުވައްޒަފުންނަށް މަޢުލޫމާތު ދެވުނެވެ. އަދި ކަސްޓަމަރުންނަށް ޚިދުމަތް ދިނުމާއި ބޭހޭ ރޯލްޕްލޭއަކާއި ގުޅިގެން މަސައްކަތް ކުރުމާއިގުޅޭ ރޯލްޕްލޭ އެއް މިތަމްރީން ޕްރޮގްރާމްގެ ތެރޭގައި ބޭއްވިފައިވެއެވެ.

މިތަމްރީން ޕްރޮގްރާމްގައި ކިޔަވާދެއްވާފައިވަނީ ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އަހުމަދު ޙުސައިން އެވެ. މިޕްރޮގްރާމް ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ 16 މުވައްޒަފަކު ފުރިހަމަކޮށްފައިވެއެވެ. ތަމްރީމް ޕްރޮގްރާމް ނިމުމާއިގުޅިގެން ބައިވެރިވި މުވައްޒަފުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނައިފަރު ދާއިރާގެ މެންބަރ އަލްފާޟިލް ހުސައިން އިބްރާހިމްއެވެ.