މިދަންނަވާ ކަންތައްތައް 02 އޮގަސްޓް 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 34/2017 ވަނަ (3 ވަނަ ދައުރުގެ 7 ވަނަ) ޢާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ.

ދައުލަތުން ދެއްވި ބަޖެޓްގައި މިހާރު ބާކީ ފައިސާ ހުރި މިންވަރުން ސަލާމް ލޯންޗްގެ މަރާމާތުގެ ބިލުތައް ދެއްކޭވަރު ނުވާނޭތީ، ކައުންސިލްގެ އާމްދަނީ އެކައުންޓުން ޚަރަދުކޮށްގެން، “ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ މަރާމާތު” ބަޖެޓް ކޯޑް ނަމްބަރ 226017 އަށް -/40،000ރ އިތުރު ކުރަން ފެންނަކަމަށް ނިންމުން.

  • ސަލާމް ލޯންޗްގެ މަރާމާތުތައް ކުރުމަށް 3 ފަރާތުން ހޯދި ކޯޓޭޝަންތަކުގެ ތެރެއިން އެންމެ އަގުހެޔޮކޮށް ހުށަހަޅާފައިވާ ކޯޓޭޝަންގައިވާ އަގަށް ޅ.ނައިފަރު ޗަންދަރުގޭ މަޙްމޫދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ ކޯޓޭޝަންގައިވާ އަގުތަކުގައި، ލޯންޗްގެ މަރާމާތުތައް ކުރުވަން ފެންނަ ކަމަށް ނިންމުން.
  • ދައުލަތުން ބަޖެޓް ކަނޑައަޅުއްވާފައިވާ ދައުލަތުގެ މުއައްސަސާތަކުން، ޢާންމުކޮށް ޢާންމުންނަށް ހުޅުވައިލުމަކާއި ނުލައި، ހިންގާ ޙަރަކާތްތަކަށް އަތޮޅު ކައުންސިލްގެ އާމްދަނީ އެކައުންޓުން އެހީދޭން ނުފެންނަކަމަށާ، ޅ.އަތޮޅު ހޮސްޕިޓަލުގެ އިންޓަރއޮފީސް ވޮލީބޯޅަ މުބާރާތަކީވެސް ޢާންމުކޮށް ހުޅުވައިލުމުގެ ބަދަލުގައި މުއައްސަސާތަކަށް އެކަނި ހުޅުވައިލެވިފައިވާ ފުރުޞަތެއްކަމަށް ވާތީ، މިއިވެންޓް ސްޕޮންސަރ ކުރަން ނުފެންނަކަމަށް ނިންމުން.
  • ޕާމްބީޗް ސޮކަރ ކަޕްގައި ނައިފަރުގެ އެންޖީއޯއެއް ކަމުގައިވާ އައިޑިއަލް މޫވްމެންޓްގެ ފަރާތުން ނައިފަރުގެ ޓީމެއް ބައިވެރިކޮށްފައިވާތީ ޓީމަށް ހިނގާ ޚަރަދު ލުއިކޮށްދިނުމުގެ ގޮތުން، އެހީއަކަށް އެދި ހުށަހަޅާފައިވާމައްސަލާގައި، މިހާރު ކަންކުރަން ޖެހޭ އުޞޫލަކީ، އެންޖީއޯތަކުން އެހީއަށް އެދި ހުށަހަޅާ ހުށަހެޅުން، ކައުންސިލްއިން ފާސްކޮށް ޢާންމުކޮށްފައިވާ އެހީދިނުމުގެ އުޞޫލާ އެއްގޮތަށް، ބިޑް އިވެލުއޭޝަން ކޮމިޓީއިން އިވެލުއޭޓްކޮށް %60 މާރކްސް އަށްވުރެ މަތިން ލިބޭނަމަ، އެހީ ހޯދުމަށް ކައުންސިލްއަށް ހުށަހަޅަން ފެންނަކަމަށާ، އެމިންވަރަށް މާރކްސް ނުލިބޭނަމަ، އެހީ ލިބެން ނެތްކަމަށް އެންޖީއޯއަށް ޔުނިޓްގެ ފަރާތުން ޖަވާބުދޭން ފެންނަކަމަށް ނިންމުން.
  • ޅ.އަތޮޅު މަދްރަސާއިން 2017 ވަނަ އަހަރު އިންތިޒާމްކުރާ “ޅަސް އިންޓަރލެކްޓުއަލް” ސްޓަޑީ ކޭމްޕަކީ، ދަރިވަރުންގެ ތަޢުލީމާއި ހުނަރު އިތުރުކުރުމަށް މުޅި އަތޮޅަށް ހުޅުވާލައިގެން ހިންގާ ކޭމްޕެއް ކަމަށް ވާތީ، މި ޙަރަކާތަށް މާލީ އެހީއެއް ދޭން ފެންނަކަމަށާ، މިގޮތުން މި ޙަރަކާތަށް -/5000ރ. ގެ މާލީ އެހީއެއް ދޭން ފެންނަކަމަށާ، މި ޚަރަދު ކުރުމަށްޓަކައި، އިޖްތިމާޢީ ތަރައްޤީގެ އެކިއެކި ޕްރޮގްރާމްތައް ހިންގުމުގެ ޚަރަދު ކޯޑަށް މިފައިސާ އިތުރުކުރުމަށް ފެންނަކަމަށް ނިންމުން.