އާމާން ވެއްޓެއް ޤާއިމްކުރުމާއި ޒިންމާދާރު ރައްޔިތެއް ބިނާކުރުމުގެ މަޤްޞަދުގައި، މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އިން ކުރިއަށްގެންދަވާ “ޒިންމާދާރު ރައްޔިތުން ބިނާކުރުން” ސިލްސިލާ މަސައްކަތު ބައްދަލުވުންތަކުގެ ތެރެއިން، ފާދިއްޕޮޅު ނައިފަރުގައި ބޭއްވުނު 10 ވަނަ މަސައްކަތު ބައްދަލުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ފާދިއްޕޮޅު އަތޮޅު ކައުންސިލުން ކުރި މަސައްކަތް ފާހަގަކޮށް ހޯމްމިނިސްޓްރީގެ ފަރާތުން ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ރައީސަށާއި މުވައްޒަފުންނަށް ޝުކުރުއަދާކުރައްވާފިއެވެ.

ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އިބްރާހިމް ހަމީދު ސޮއިކުރައްވާ 22 އޮކްޓޫބަރ 2017ވަނަ ދުވަހު ފާދިއްޕޮޅު އަތޮޅު ކައުންސިލަށް ފޮނުއްވި ސިޓީއެއްގައި މިބައްދަލުވުން ކާމިޔާބު ފުރިހަމަ ބައްދަލުވުމަކަށް ހެދުމަށްޓަކައި ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާފައިވެއެވެ.