މިދަންނަވާ ކަންތައް 29 އޮގަސްޓް 2018 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018/20 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 40 ވަނަ ޢާއްމު ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ ޢިމާރާތުގެ ބައެއް ފައުރުތަޅައި ރޭނުމާއި ސިމެންތިޖެހުން، އަދި ސީލިންގ މަސައްކަތާއި ތަޅުންއެޅުމާއި މުށިޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ތައްޔާރުކުރެވުނު ބިޑް ޑޮކިއުމެންޓްތައް ފާސްކުރުން.

ފާދިއްޕޮޅު އަތޮޅުކައުންސިލްގެ މިލްކުވެރިކަމުގެ ދަށުގައިވާ އަތޮޅު ރަށްވެހިގެ-1 ގޯތި 5 އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދިނުމަށްޓަކައި ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި ބިޑްފޯމް، އަދި އެއްބަސްވުމުގެ ޑްރާފްޓް ފާސްކުރުން.

ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހުށަހަޅުއްވާފައިވާ މައްސަލައެއް ބެލުމަށް ކޮމިޓީއެއް އެކުލަވާލުން.

މިއިދާރާގެ މާލީ ޒިންމާދާރުވެރިއެއް ކަނޑައެޅުމުގެ މައްސަލަ އިތުރަށް ދިރާސާކުރުމަށްފަހު އެހެން ޖަލްސާއަކަށް އެޖެންޑާކުރުމަށް ނިންމުން.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ތަރައްޤީގެ ޕްލޭނަށް ބިނާކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުއްވި ފޯމެޓާއެއްގޮތަށް، ފާދިއްޕޮޅު އަތޮޅުކައުންސިލްގެ ކުރިޔަށްއޮތް 3 އަހަރަށް (2019، 2020، 2021) ލަފާކުރި، (ޖުމްލަ ޢަދަދު 10,222,628/00ރ. (ދިހަމިލިޔަން ދެލައްކަ ބާވީސްހާސް، ހަސަތޭކަ އަށާވީސް ރުފިޔާ) ބަޖެޓް ފާސްކުރުން.

ތަރައްޤީ ޕްލޭން މުރާޖަޢާކުރެވިފައިވާތީ، މިހާރު ގެނެވިފައިވާ ބަދަލުތަކާއެއްގޮތަށް، ތަރައްޤީޕްލޭންއަށް ގެނެވުނު ބަދަލުތައް، ފާސްކުރަންފެންނަކަމަށާ، މިޖަލްސާއިން ރިވިއުކޮށް ފާސްކުރާ ތަރައްޤީޕްލޭނަށް ރިޢާޔަތްކޮށް، ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2019 ވަނަ އަހަރުގެ މަސައްކަތު ތާވަލް ޑްރާފްޓް މިހާރު ހުށަހެޅިފައިވާގޮތަށް ފާސްކުރުން.

އެހީދިނުމުގެ އުޞޫލް ފާސްކޮށް ގެޒެޓްކުރުމަށް ފޮނުވިފައި ވީނަމަވެސް، އެ އުޞޫލް އަދި އެލް.ޖީ.އޭ.އިން އެޕްރޫވްކޮށް ގެޒެޓްކޮށްދެއްވާފައި ނުވާތީ، ގޯލްސް އެންޖީއޯއަށް މިވަގުތު އެދިފައިވާ އެހީ ދެވެން ނެތްކަމުގައި ވިޔަސް، ގެދަރިން އޮޅުވެލިފުށި އޯލް ލިންކިންގް ސޮސައިޓީ (ގޯލްސް) އިން “ކޮޕަ ރޭމަންސް 2018” ގެ ނަމުގައި ބާއްވާ ބޮޑުގޯލް ފުޓްބޯޅަ މުބާރާތަށް ހިތްވަރުދިނުމުގެ ގޮތުން، ޓްރޮފީއާ މެޑަލް ފާދިއްޕޮޅު އަތޮޅުކައުންސިލްއިން ހުށަހަޅަން ފެންނަކަމަށާ، އެކަމަށް މިއިދާރާގެބަޖެޓުން -/8750ރ ޚަރަދުކުރަން ނިންމުން.

ޅ. އަތޮޅުގައި ޤާއިމުކޮށްފައިވާ ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި، ޅ. އަތޮޅުގައި ޤާއިމްކުރެވިފައިވާ ރިޒޯޓްތަކާއި، އަދި ޅ. އަތޮޅުގައި ޤާއިމުކުރެވިފައިވާ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުން ގެންދާ މުވައްޒަފުންނަށް އިންސްޓޯލްމަންޓަށް ފައިސާދައްކާގޮތަށް މުދާ ދޫކުރުމަށް ތައްޔާރުކުރެވިފައިވާ ވިނަރަސް ސްކީމްގެ އެއްބަސްވުން އަދި އެޕްލިކޭޝަން ފޯމް ހުށަހެޅިފައިވާގޮތަށް ފާސްކުރުން.