ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނިގެން ފާދިއްޕޮޅަށް ހުޅުވައިލައިގެން ޅ.އޮޅުވެލިފުށީގައި ހިންގާ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްފެށިގެން ކުރިއަށް އެބަގެންދަވައެވެ. 08 ޑިސެމްބަރ 2018 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިޕްރޮގްރާމްގައި ޖުމްލަ 21 މީހުން ބައިވެރިވެފައިވެއެވެ. ޅ. އޮޅުވެލިފުށި ކައުންސިލްގެ އެހީތެރިކަމާއިއެކު ޅ. އޮޅުވެލިފުށީގައި ކުރިއަށް ގެންދާ މިޕްރޮގްރާމް ކުރިއަށް ގެންދަނީ އެގްރޯ ސަރވިސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

ދަނޑުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފާދިއްޕޮޅުގެ ފަރާތްތަކަށް ދާއިރާގެ އެކަށީގެންވާ މަޢުލޫމާތާއި ތަމްރީން ފޯރުކޮށްދީ އެފަރާތްތަކަށް އެމަސައްކަތް ދެމެހެއްޓެނެވިގޮތެއްގައި ކުރެވޭނެ މަގު ފަހިކޮށްދީ ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މިޕްރޮގްރާމްގައި ދަނޑުވެރިކަމާއި ގުޅޭ ތަފާތު މަޢުލޫމާތުތައް ފޯރުކޮށްދީ އަމަލީ މަސައްކަތް ކުރާނެ ގޮތްތައް ޕްރެކްޓިސްކުރެވިގެން ދާނެއެވެ.

ފާދިއްޕޮޅު އަތޮޅު ކައުންސިލުން 25000 ރުފިޔާއަށްވުރެ ބޮޑު ޚަރަދެއްކޮށްގެން ހިންގާ މިތަމްރީން ޕްރޮގްރާމްގައި ކިޔަވާދެއްވަމުންދަނީ ދަނޑުވެރިކަމާއިގުޅޭ ދާއިރާއަށް 30 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ މިދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ހުސައިން ރަޝީދެވެ.