ފާދިއްޕޮޅު ވޮލީލީގު 2018 ގެ މެޗުތައް 16 ޑިސެމްބަރ 2018 ގައި ފެށިގެން ފޯރިއާއެކު ކުރިއަށް އެބަދެއެވެ. ފާދިއްޕޮޅު ހިންނަވަރުގެ ވޮލީކޯޓުގައި ކުރިއަށްދާ މިމުބާރާތުގައި މިހާތަނަށްއައިރު 02 މެޗުކުޅެވިފައިވާއިރު މުބާރާތުގައި ބައިވެރިވާ 04 ޓީމުގެ ތެރެއިން ކޮންމެ ޓީމަކުންވެސް މިހާރުވަނީ 1 މެޗުކުޅެފައެވެ.

މިމުބާރާތުގެ ފުރަތަމަ ކުޅެވުނު މެޗުގައި 16 ޑިސެމްބަރ 2018 ދުވަހުގެރޭ ބައްދަލުކުރީ ކުރެއްދޫ ވޮލީބޯލް ކުލަބާއި އާއި ހުރަވަޅި މޯލްޑިވްސްގެ ޓީމެވެ. މިމެޗު 3 ސެޓު 1 ސެޓުން ކާމިޔާބުކުރީ ހުރަވަޅި މޯލްޑިވްސްގެ ވޮލީޓީމެވެ. މުބާރާތުގެ ދެވަނަ މެޗުގައި 17 ޑިސެމްބަރ 2018 ވަނަ ދުވަހުގެރޭ ބައްދަލުކުރީ ނައިފަރު ޖުވެނައިލްއާއި ހިންނަވަރު ވޮލީޓީމެވެ. މިމެޗް ސީދާ 03 ސެޓުން ކާމިޔާބުކުރީ ނައިފަރު ޖުވެނައިލްގެ ވޮލީޓީމެވެ.

މިމުބާރާތުގައި 04 ޓީމް ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެއް ފައިނަލްގައި ކުޅޭގޮތަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް -/25000 ރުފިޔާ އަދި ރަނަރއަޕް ޓީމަށް -/10000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވާ މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ 22 ޑިސެމްބަރ 2018 ވާ ހޮނިހިރު ދުވަހުއެވެ.