ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ މިއަހަރުގެ މަސައްކަތު ތާވަލްގައި ހިމެނިގެން މިއަހަރު މުޅިން އަލަށްފަށާ ޕްރޮގްރާމެއް ކަމަށްވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ވަޒީފާއަށް އަލަށް ނުކުންނަ ފަރާތްތަކަށް ވަރަށް މުހިންމު އެހާމެ ބޭނުންތެރި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ، މަތީ ތަޢުލީމް ޙާޞިލްކުރާ ދަރިވަރުންނަށް، ވަޒީފާއެއް ހޯދުމަށް މަގުފަހިކޮށްދިނުމާ، އެކުދިން، ވަޒީފާއަކަށް ނިކުންނަންވާއިރަށް، ވަޒީފާގެ މާޙައުލަށް ހޭނުވުމެވެ. މި ޕްރޮގްރާމްގެ އަނެއް ފައިދާއަކީ، މުއައްސަސާތަކުގެ މަސައްކަތުގައި ވޮލަންޓަރީ އެހީތެރިންތަކެއް ލިބުމެވެ.

މި ޕްރޮގްރާމްގައި، ވޮލަންޓަރީކޮށް އޮފީސްތަކުގައި މަސައްކަތްކުރަން ބޭނުންވާކުދިންގެ ތެރެއިން މެރިޓްއުޞޫލުން ހޮވޭ ކުދިންނަށް ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީ، އޮންދަޖޮބް ޓްރެއިން ޙާޞިލްކުރުމަށް ފުރުޞަތު ދެވޭނެއެވެ.

މިކުދިން ވަޒީފާ އަދާކުރަންޖެހޭނީ ފުރަތަމަ 3 މަސްދުވަހު ރަސްމީ ދުވަސް ދުވަހު 4 ގަޑިއިރަށެވެ. އަދި ފަހު 03 މަސްދުވަހު ރަސްމީ ދުވަސްދުވަހު 8 ގަޑިއިރަށެވެ. މިއަށްވުރެ މުއްދަތު އިތުރުކުރަން، ދެފަރާތުން އެއްބަސްވާނަމަ، އިތުރު 6 މަސްދުވަހަށް މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮވެއެވެ.

މިކުދިންނަށް ލިބޭ އަނެއް ފައިދާ އަކީ ވަޒީފާގެ މުއްދަތުގައި ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާންގައި ބައިވެރިވުމަށް އެހީތެރިވެދީ، އެއިމްތިޙާނަށް ތައްޔާރުވުމަށް، އެހީތެރިކަން ލިބިގެން ދިއުމެވެ. އަދި އޮފީހުގައި މަސައްކަތްކުރާ މުއްދަތުގައި މުވައްޒަފުންނަށް ހިންގާ އެކިކަހަލަ ޓްރެއިނިންގ ތަކުގައި ބައިވެރިވުމުގެ ފުރުޞަތު، މިކުދިންނަށް ލިބިގެން ދާނެއެވެ/

މިޕްރޮގްރާމްގެ ދަށުން ފާދިއްޕޮޅު އަތޮޅު ކައުންސިލުން ފުރަތަމަ ހުޅުވާލި ފުރުޞަތުގައި 06 ކުއްޖަކު ވަނީ އެޕްލިކޭޝަން ހުށަހަޅާފައެވެ. އޭގެ ތެރެއިން މެރިޓް އުޞޫލުން ހޮވުނު 02 ކުއްޖަކު މިއަދުވަނީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގައި މަސައްކަތް ކުރަން ފަށާފައެވެ.

މިކުދިންގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މުއްދަތު ނިމުމުން ވަޒީފާއަދާކުރިކަމުގެ (ތަޖުރިބާ ލިޔުމެއް) ކުދިންނަށް ލިބިގެން ދާނެއެވެ. މީގެ ސަބަބުން ކުދިން އެހެން ވަޒީފާތަކަށް ވަނުމަށް އިތުރު ފުރުޞަތުތައް ފަހިވެގެން ދާނެއެވެ.

މިފެށޭ 2019 ވަނަ އަހަރުވެސް ފާދިއްޕޮޅު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އިތުރު ކުދިންނަށް ވަޒީފާގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ފާދިއްޕޮޅު އަތޮޅު ކައުންސިލުން ދަނީ މަސައްކަތްކުރަމުނެވެ.