ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ އަހަރީ މަސައްކަތު ތާވަލްގައި ހިމެނިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޅ. ޗެމްޕިއަންޝިޕް 2018 (އަންޑަރ 21) ފުޓްބޯޅަ މުބާރާތް ފާދިއްޕޮޅު ކުރެންދޫގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިމުބާރާތް ކުރެންދޫގައި ބޭއްވުމުގެ ހުއްދަ ފާދިއްޕޮޅު ކުރެންދޫ ކައުންސިލުން މިއަދުވަނީ ފާދިއްޕޮޅު އަތޮޅު ކައުންސިލަށް ދޫކޮށްފައެވެ.

ފާދިއްޕޮޅުގެ 04 ރަށުން 04 ޓީމް ވާދަކުރާ މިމުބާރާތް ބޭއްވުމަށް އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ 20 ޑިސެމްބަރ 2018 އިން 30 ޑިސެމްބަރ 2018 އަށް ޅ. ނައިފަރުގައެވެ. މިގޮތުން މުބާރާތް ބޭއްވުމަށް ނައިފަރު ފުޓްބޯޅަދަނޑު ހޯދުމަށް ފާދިއްޕޮޅު އަތޮޅު ކައުންސިލުންވަނީ 13 ޑިސެމްބަރ 2018 ގައި ފާދިއްޕޮޅު ނައިފަރު ކައުންސިލަށް އެދި ހުށަހަޅާފައެވެ. ފާދިއްޕޮޅު ކުރެންދޫގައި މުބާރާތް ބޭއްވުމަށް ފާދިއްޕޮޅު އަތޮޅު ކައުންސިލުން ނިންމާފައިވަނީ މުބާރާތް ބޭއްވުމަށް ދަނޑުހޯދުމަށް އެދި ނައިފަރު ކައުންސިލްގެ އިދާރާއަށް ފޮނުވި ސިޓީގެ ޖަވާބެއް ނުލިބި ލަސްވާތީ، އިޢުލާން ކުރެވިފައިވާ ތާރީޚްގައި މުބާރާތް ފަށަން ޖެހޭތީއާ، ޓީމްތަކަށް ދުރާލާ މަޢުލޫމާތު ފޯރުކޮށްދެން ޖެހޭތީއެވެ.

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018 ވަނަ އަހަރުގެ ބަޖެޓުން އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު ޚަރަދެއް ކޮށްގެން ބާއްވާ މިމުބާރާތަކީ 21 އަހަރުންދަށަށް ފޯކަސްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.