ފާދިއްޕޮޅު އަތޮޅު ކައުންސިލުން ޅ އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ ޅ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗް މާދަމާ ކުރެންދޫ ފުޓްބޯޅަ ދަނޑުގައި އޮންނާނެއެވެ. މިމެޗްގައި ބައްދަލުކުރާނީ އޮޅުވެލިފުށި ޓީމާއި ހިންނަވަރު ޓީމެވެ.

މިމުބާރާތް ކުރިއަށް ދާނީ 28 ޑިސެމްބަރ 2018 އިން ފެށިގެން 04 ޖެނުއަރީ 2018 ގެ ނިޔަލަށް ޅ ކުރެންދޫ ޓާފްދަނޑުގައެވެ. މިމުބާރާތް ކުރިއަށް ދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެއް ފައިނަލް ކުޅޭގޮތަށެވެ.

ޅ އަތޮޅުގެ ހަތަރު ރަށުން 04 ޓީމް ވާދަކުރާ މިމުބާރަތަކީ ޅ އަތޮޅުގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަޤްޞަދުގައި ފާދިއްޕޮޅު އަތޮޅު ކައުންސިލުން އިންތިޒާމް ކުރާ މުބާރާތެކެވެ. ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018 ވަނަ އަހަރުގެ ބަޖެޓުން އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު ޚަރަދެއް ކޮށްގެން ބާއްވާ މިމުބާރާތަކީ 21 އަހަރުންދަށަށް ފޯކަސްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ މަޝްވަރާގެ މަތިން މިމުބާރާތް ރާވާ އިންތިޒާމްކުރާނީ އާޓްޒޯންގެ ފަރާތުންނެވެ.