ފާދިއްޕޮޅު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޅ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް އަމާޒުކޮށް ބޭއްވުނު ‘ފާދިއްޕޮޅު ކައުންސިލްތަކުގެ ވޭސްޓް މެނޭޖްމަންޓް ވޯރކްޝޮޕް’ މިއަދު ނިންމާލައިފިއެވެ.

މިއަދު ހެދުނުން ފެށިގެން ހަވީރުގެ ނިޔަލަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ފާދިއްޕޮޅުގެ ހުރިހާ ކައުންސިލަކުން ޖުމްލަ 18 މަންދޫބުން ބައިވެރިވެ ރަށްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށްހުރި ގޮންޖެހުންތަކާއިމެދު މަޝްވަރާކޮށްފައިވެއެވެ.

މޯލްޑިވްސް ކްލީން އެންވައިރަމެންޓް ޕްރޮޖެކްޓްގެ ފެސިލިޓޭޓަރުންގެ އެހީގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމަކީ ފާދިއްޕޮޅުގެ ރަށްރަށުގައި ރަށްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ކުރިއަށް ދެވިދާނެ ގޮތްތަކާއިމެދު ޅަވިޔަނި އަތޮޅުގެ ހުރިހާ ކައުންސިލްތަކުގެ މެދުގައި މަޝްވަރާކޮށް އެއްބަސްވެވޭ ގޮތްތަކެއް ހޯދުމުގެ ބޭނުމުގައި ކުރިއަށް ގެންދެވުނު ބައްދަލުވުމެވެ.

މިބައްދަލުވުމުން ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް ފާދިއްޕޮޅު ކުނީގެ ހާލަތާއި ގުޅޭ ރިޕޯޓެއް ތައްޔާރުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިރިޕޯޓް ސަރުކާރުގެ ކަމާއިގުޅޭ އިދާރާތަކަށް ހުށަހަޅާ ކުނީގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ އިދާރާތަކާއި ކައުންސިލްތައް ގުޅިގެން އަވަސް ހައްލުތަކެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ.