ފާދިއްޕޮޅު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ޅަވިޔަނި ޗެމްޕިއަންޝިޕް 2018 (21 އަހަރުން ދަށުގެ) ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކުރެންދޫ އިން ކަށަވަރުކޮށްފިއެވެ. ކުރެންދޫ ޓީމް ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު އޮޅުވެލިފުށި ޓީމާއި ވާދަކޮށް 6-0 ގެ ބޮޑުނަތީޖާއަކުން މެޗް ކާމިޔާބުކޮށް ޖުމްލަ 7 ޕޮއިންޓާއި އެކުއެވެ. މިއަދުގެ މެޗާއިއެކު ކުޅުނު އެއްވެސް މެޗަކުން ޕޮއިންޓެއް ނުލިބި އޮޅުވެލިފުށި ޓީމަށްވަނީ މުބާރާތް ނިމިފައެވެ.

ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެއް ފައިނަލް ކުޅޭގޮތަށް ބާއްވާ މިމުބާރާތުގެ ފައިނަލްގެ 2ވަނަ ޖާގައަށް ވާދަކުރަނީ ހިންވަރު އަދި ނައިފަރު ޓީމެވެ. ހިންވަރު ޓީމުން މިހާތަނަށް 2 މެޗްކުޅެގެން 4 ޕޮއިންޓް ހޯދައިފައިވާއިރު ނައިފަރަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ފައިނަލްގެ 02ވަނަ ޖާގަ ކަށަވަރުވާނީ މާދަމާ ހިންނަވަރު އަދި ނައިފަރު ބައްދަލުކުރާ މެޗްގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. މިގޮތުން މިއިން ކޮންމެ ޓީމަކަށްވެސް މާދަމާގެ މެޗުން މޮޅުވެގެން ފައިނަލަށް ދިއުމުގެ ފުރުޞަތު އޮތްއިރު މާދަމާގެ މެޗް އެއްވަރު ވެއްޖެނަމަ ފައިނަލަށް ދަތުރުކުރާނީ ހިންނަވަރު ޓީމެވެ.

ޅ އަތޮޅުގެ ހަތަރު ރަށުން 04 ޓީމް ވާދަކުރާ މިމުބާރަތަކީ ޅ އަތޮޅުގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަޤްޞަދުގައި ފާދިއްޕޮޅު އަތޮޅު ކައުންސިލުން އިންތިޒާމް ކުރާ މުބާރާތެކެވެ. ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018 ވަނަ އަހަރުގެ ބަޖެޓުން އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު ޚަރަދެއް ކޮށްގެން ބާއްވާ މިމުބާރާތަކީ 21 އަހަރުންދަށަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ މަޝްވަރާގެ މަތިން މިމުބާރާތް ރާވާ އިންތިޒާމްކުރަނީ އާޓްޒޯންގެ ފަރާތުންނެވެ.