ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން 26 ފެބްރުއަރީ 2019ގައި އިޢުލާންކުރި 2017 ވަނަ އަހަރުގެ ކައުންސިލްތަކުގެ ރޭކިންގައި ރަށު ކައުންސިލްތަކުގެ ކެޓަގަރީން ޅ އަތޮޅުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކައުންސިލަކަށް ޅ ކުރެންދޫ ކައުންސިލް ހޮވިއްޖެއެވެ. މިގޮތުން ޅ ކުރެންދޫ ކައުންސިލްވަނީ 2017 ވަނަ އަހަރުގެ ރަށު ކައުންސިލްތަކުގެ ރޭކިންގައި މުޅި ރާއްޖެއިން 8 ވަނަ ޙާސިލްކޮށްފައެވެ. އަދި އެކައުންސިލްވަނީ 2016 ވަނަ އަހަރާއި އަޅާބަލާއިރު 03 ވަނަ އަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދި ރަށުކައުންސިލްގެ މަޤާމް ހޯދާފައެވެ. 2016 ވަނަ އަހަރުގެ ރޭންކިންގައި ކުރެންދޫ ކައުންސިލް ހިމެނިފައިވަނީ 75 ވަނާގައެވެ. އެހެން ކަމުން އެކައުންސިލުން 2017 އަހަރުވަނީ 67 ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ.

ޅ އަތޮޅުގެ އެހެން ކައުންސިލްތަކަށް ބަލާއިރު، އެލްޖީއޭގެ 2017 ވަނަ އަހަރުގެ ރޭންކިންގައި ޅ ނައިފަރު ހިމެނިފައިވަނީ 78 ވަނާގައެވެ. އަދި ޅ. ހިންނަވަރު ކައުންސިލް ހިމެނިފައިވަނީ 107 ވަނާގައެވެ. އެކަށީގެންވާ މިންވަރަށް މަޢުލޫމާތު ފޮނުވާފައިނުވާތީ އެލްޖީއޭއިން 2016 ވަނަ އަހަރު އިޢުލާންކުރި ރޭންކިންގައި މިދެކައުންސިލް ހިމެނިފައެއް ނުވެއެވެ. 2016 ވަނަ އަހަރު އެލްޖީއޭއިން އިޢުލާންކުރި ރޭންކިންގައި ޅ. އޮޅުވެލިފުށި ކައުންސިލް 125 ވަނާގައި ހިމެނިފައިވީ ނަމަވެސް އެކަށީގެންވާ މިންވަރަށް މަޢުލޫމާތު ފޮނުވާފައިނުވާތީ އެލްޖީއޭގެ 2017 ވަނަ އަހަރުގެ ރޭންކިންގައި އޮޅުވެލިފުށި ކައުންސިލް ރޭންކުކޮށްފައެއް ނުވެއެވެ.

ލޯކަލް ކައުންސިލްތަކުގެ ޕަރފޯމަންސް އިންޑެކްސް އަކީ އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލްތަކުގެ ޕާރފޯމަންސް މިންކޮށް، ވަޒަންކުރުމަށް އެލްޖީއޭއިން އެކުލަވާލާފައިވާ އިންޑެކްސްއެކެވެ. މިއިންޑެކްސް ބޭނުންކޮށްގެން އަހަރަކު އެއްފަހަރު ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ޕަރފޯމަންސް މޮނިޓަރރކޮށް ރޭންކުކުރުމުގެ މަސައްކަތް އެލްޖީއޭއިން ކުރިއަށް ގެންދަވައެވެ. އެންމެ 2017 ވަނަ އަހަރުގެ ޕާފޯމަންސް އިންޑެކްސްގެ މަސައްކަތް އެލްޖީއޭ އިން ކުރިއަށް ގެންދަވާފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.

2017 ވަނަ އަހަރުގެ ކައުންސިލްތަކުގެ ރޭކިންގައި އަތޮޅު ކައުންސިލްތަކުގެ ކެޓަގަރީން ފާދިއްޕޮޅު އަތޮޅު ކައުންސިލް ވަނީ 03 ވަނަ ހާސިލްކޮށްފައެވެ. އަދި ރޭކިންގައި 2016 ވަނަ އަހަރާއި އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި 02 ކައުންސިލްގެ ތެރޭގައި ހިމެނިފައެވެ.