މިދަންނަވާ ކަންތައްތައް، 31 ޖުލައި 2019 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2019/31 ވަނަ ޖަލްސާ (3 ވަނަ ދައުރުގެ 83 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ކުރެންދޫގެ ޒުވާނުންނަށް އަމާޒްކުރެވިގެން، ޅ. ކުރެންދޫ ކައުންސިލް އިދާރާގެ ފަރާތުން ބާއްވާ ކުރެންދޫ ކަޕް ފުޓްބޯޅަ މުބާރާތަށް މާލީއެހީދިނުމަށް މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓް ހުސްވެފައިވާތީ، މި ޕްރޮގްރާމަށް މާލީ އެހީއެއް ދެވެން ނެތްކަމަށް ކުރެންދޫ ކައުންސިލްއަށް ޖަވާބުދޭން ނިންމުން.

އޮޅުވެލިފުށީ އަންހެނުންގެ ތަރައްޤިއަށް މަސައްކަތްކުރާ ކޮމިޓީން އިމާރާތްކޮށްފައިވާ ރިސޯސްސެންޓަރ މަރާމާތުކުރުމަށް އެހީދިނުމުގެ އުޞޫލުގައިވާގޮތުގެ މަތިން، އިވެލުއޭޓްކުރިއިރު، އެހީ ދެވޭމިންވަރަށް މާރކްސް ލިބިފައި ވީނަމަވެސް، މި އުޞޫލްގެ ދަށުން އެހީދިނުމަށް މިއަހަރަށް ފާސްކުރި ބަޖެޓް މިހާރު ހުސްވެފައިވާތީ، މި ޕްރޮގްރާމަށް މާލީ އެހީއެއް ދެވެން ނެތްކަމަށް އޮޅުވެލިފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޖަވާބުދޭން ނިންމުން.

ވިނަވި ސްކީމް ކޮންމެ އަހަރެއްގެވެސް ބަޖެޓް ފާސްކުރުމާއެކު، އެއަހަރަކަށް މާލީއެހީދިނުމަށް ކަނޑައެޅުނު ޢަދަދާއެކު، އިޢުލާން ކުރަންޖެހޭ ޕްރޮގްރާމަކަށްވާތީ، އެޕްރޮގްރާމް އިޢުލާންކުރަން ނިންމުން.

2020 ވަނަ އަހަރުގެ ބަޖެޓާއި، އެކްޓިވިޓީ ކަލަންޑަރުގައި ހިމަނައިގެން، އަތޮޅުތެރޭގައިހިންގާ ޕްރޮޖެކްޓްތަކަށް މާލީ އެހީއެއް ލިބުންއެދި ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް އެހީ ދިނުމަށް ހެދިފައިވާ އިވެލުއޭޝަން ރިޕޯރޓް، ރިކަމެންޑޭޝަންތަކާއެކު ފާސްކުރުން.

ފާދިއްޕޮޅު އަތޮޅުކައުންސިލްގެ ރައީސް އިބްރާހީމް ސިމާއު 2019 ޖޫން 20، 23 އަދި 24 މާލެ ދުރުވީ، އެލްޖީއޭގެ ޕްރޮގްރާމަކާއި ގުޅޭ ކަންތައްތަކެއް ފުރިހަމަކުރަން ކަމަށްވާތީ، އެދުވަސްތަކަކީ، އޮފީސް ބޭނުމަށް ވީއްލާފައިވާ ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުން.

ކުރެންދޫ ކްލަބު ޖަމްޢިއްޔާތައް ގުޅިގެން ކުރެންދޫގައި ބާއްވާ، އިވެންޓްގެ ޙަރަކާތްތައް ހިންގުމަށް އަތޮޅުކައުންސިލްގެ ރައީސް އިބްރާހީމް ސިމާއު 2019 އޯގަސްޓް 4 ން 08 އަށް ވީއްލަން ނުފެންނަކަމަށް ނިންމުން.

01 ސެޕްޓެމްބަރ 2019 ގައި ފެށުމަށް ހަމަޖެހިފައިވާ “ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް 2019” ގައި އަތޮޅުކައުންސިލުން ބައިވެރި ނުވިޔަސް، ސްކޫލް ޖަމިއްޔާ ޖަމާޢަތްތައް މެދުވެރިކޮށް، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުންނަށް އޮތުމާ، މީގެކުރީ އަހަރުތަކުގައި، އަތޮޅު ކައުންސިލްއަށް މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ނޯންނާތީ، އަހަރީ ބަޖެޓްގައި މިމުބާރާތުގައި ބައިވެރިވުމަށް ފައިސާ ހިމެނިފައި ނުވަނީސް، މިއަހަރުގެ ޤައުމީ މުބާރާތް އިޢުލާން ކުރިއިރު، އަތޮޅު ކައުންސިލްތަކަށް ޖާގަ ދީފައިވީނަމަވެސް، ޓީމްގޮވައިގެން މާލެ ދިޔުމަށް ކުއްލިޔަކަށް ބެޖެޓެއް ހަމަޖެއްސުމަށް ދަތިތަކެއް ހުރުމާ، އަތޮޅު ކައުންސިލްއަށް މުބާރާތުގައި ބައިވެރިވުމަށް ލިބެނީ ޖުމްލަ 12 ޖާގަ ކަމަށްވެފައި، އެ 12 ޖާގަ އަތޮޅުގެ 4 ރަށަށް ކަނޑައެޅޭ އުޞޫލަކުން ބެހުމަށް، އޮޑިޝަންއެއް ބާއްވަން ޖެހޭއިރު، އެކަމަށް އިޢުލާންކޮށް، އޮޑިޝަން ބޭއްވުމަށް އެކަށީގެންވާ ވަގުތު ނެތުމާއެކު، މިއަހަރުގެ ޤުރްއާންކިޔެވުމުގެ ޤައުމީ މުބާރާތުގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްއިން ބައިވެރިވަން ނުފެންނަކަމަށް ނިންމުން.