މިދަންނަވާ ކަންތައްތައް، 06 ފެބްރުއަރީ 2020 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2020/03 ވަނަ އާއްމު ޖަލްސާ (3 ވަނަ ދައުރުގެ 100 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

2020 ވަނަ އަހަރުގެ ލޯކަލްކައުންސިލްދުވަސް އަތޮޅުފެންވަރުގައި ފާހަގަކުރުމުގެ ގޮތުން، މިއަހަރުވެސް ޚާއްޞަ ޙަރަކާތްތަކެއް ހިންގުމަށް ނިންމުން.

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓުން މަދަނީ ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާކުރުމަށް 2020 ވަނައަހަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވުމަށް ގަސްތުކުރައްވާ ކޮންފަރެންސް މިއަތޮޅުގައި ބޭއްވުމަށް ނިންމުން.

އެޕްރެންޓިސްޝިޕްގެ ޓްރެއިނިންގ ގައި މަސައްކަތްކުރާ ޓްރެއިނީސްއަށް މިހާރު ދެވޭ އެލަވަންސް، އިތުރުކުރުމަށް ނިންމުން.

ފާދިއްޕޮޅު އަތޮޅުކައުންސިލްގެ ނައިބުރައީސް އިބްރާހީމް އާޠިފް ނައިބުރައީސްކަމުގެ މަޤާމުންނާއި، ކައުންސިލްގެ މެމްބަރުކަމުން އިސްތިޢުފާދެއްވާފައިވާތީ، ފާދިއްޕޮޅު ނައިބުރައީސްކަމުގެ މަޤާމަށް ކައުންސިލް މެމްބަރ މުޙައްމަދު ޙުސައިން އިންތިޚާބުކުރުން.

ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލް އިދާރާގުޅިގެން އޮޅުވެލިފުށީގައި ކުރިޔަށްގެންދިއުމަށް ހަމަޖައްސަވާފައިވާ ޤުރުއާންކުލާހުގެ ކިޔެވުން ފެށުމަށްޓަކައި، ގަންނަން ބޭނުންވާތަކެތި ގަތުމަށާއި، އެލިސްޓްގައިވާ ޓީވީ މާ ބޮޑުކަމަށް ފެންނާތީ، ސްޓޭކްހޯލްޑަރސްގެ މެދުގައި މަޝްވަރާކުރުމަށްފަހު، އެއަށްވުރެ ކުޑަ ޓީވީއެއް ގަންނަން ފެންނަކަމަށް ނިންމުން.

އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި އެކަށީގެންވާ ޢަދަދެއްގެ މާލީއެހީއެއް، ބްލޮކް ގްރާންޓްގެ ގޮތުގައި ސަރުކާރުން ކައުންސިލްތަކަށް ދެއްވަން ފެއްޓެވުމާއި ގުޅިގެން، އުޅަނދު ސަރވޭ ކުރުމަށް ރަށުން ބޭރަށް މިއިދާރާގެ މުވައްޒަފުން ފޮނުވުމަށް ނަގާ އިދާރީ ފީ ފިޔަވައި، ޓްރާންސްޕޯޓްގެ ޚިދުމަތްތަކަށް ނެގުމަށް މިކައުންސިލްގެ ( 3 ވަނަ ) ދައުރުގައި ފާސްކޮށްފައިވާ އެހެން އިދާރީ ފީތައް، ނެގުން ހުއްޓާލަން ނިންމުން.

ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލް އިދާރާ ގުޅިގެން، އޮޅުވެލިފުށީގައި ކުރިޔަށް ގެންދިއުމަށް ހަމަޖައްސަވާފައިވާ ޤުރުއާންކުލާސް ހިންގުމަށް ހަމަޖެހިފައިވާ ޢިމާރާތުގެ ދޮރުތައް ބަދަލުކުރުމަށް މާލީ އެހީއެއް ހަމަޖައްސައިދިނުމުގެ ބަދަލުގައި، މިޢިމާރާތަށް ބަދަލުގެނައުމަށް، ޢިމާރާތުން ނައްޓާފައިވާދޮރުތައް، ނީލަމުގައި ވިއްކައިލުމުގެ ބަދަލުގައި، ޤުރްއާންކްލާސް ހިންގާ ޢިމާރާތުގައި ހަރުކުރުމަށް، އޮޅުވެލިފުށި ކައުންސިލްގެ އިދާރާއަށް ދޭން ނިންމުން.